ޚަބަރު

ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިނިސްޓަރ އޮފް ފޮރިން އެފެއާޒްއަށް ފަތްކޮޅު އަރުވައިފި
Featured

ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިނިސްޓަރ އޮފް ފޮރިން އެފެއާޒްއަށް ފަތްކޮޅު އަރުވައިފި

Ref: 2025/PR/195

ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑި.ޕީ.) އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވަނީ މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ އަބްދުﷲ ޚަލީލްއަށް ފަތްކޮޅު އަރުވާފައެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ޔޫ.އެން.ޑި.ޕީ.އިން ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ޔޫ.އެން.ޑި.ޕީ. ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޗީމާ ގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އެމަނިކުފާނުގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްކަމުގެ ދައުރުގައި، ދިވެހިރާއްޖެއާއި ޔޫ.އެން.ޑި.ޕީ. އާ ދެމެދު އޮތް ގުޅުން އިތުރުށް ވަރުގަދަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. 

މި ބައްދަލުވުމުގައި، ޔޫ.އެން.ޑި.ޕީ. ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޗީމާ ވަނީ ދިވެހިރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ ހުރަސްތަކަށް ހައްލު ހޯދައިދީ، ދިވެހިރާއްޖެ އިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ޔޫ.އެން.ޑި.ޕީ. އިން ފޯރުކޮށްދެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޔޫ.އެން.ޑި.ޕީ. އިން އަދާކުރަމުންދާ މުހިންމު ދައުރު ކުރިއަށް އޮތް ތަނުގައިވެސް އަދާކުރުމަށް ބޭނުންވާކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ޔޫ.އެން.ޑި.ޕީ.ގެ އޮފީސް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1978 ގައެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960